ބެލަރުސްގެ ހާރިޖީ ވަޒީރު، ވްލަޑްމީރް މަކޭ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މަކޭ އަވަހާރަވެފައިވަނީ އުމުރުން 64 އަހަރުގައެވެ.
އޭނާ އަވަހާރަވެފައިވަނީ ޔޫކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސުލްހައިގެ ސިއްރު ޕްލޭނަކާ މެދު މަޝްވަރާ ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ޕޯޕްގެ މަންދޫބު އެންޓޭ ޖޮޒިއާ ބައްދަލުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
މާކޭ އަކީ އެގައުމުގެ ހާރިޖީ ވަޒީރުކަން ކުރައްވާތީ 10 އަހަރުވެފައިވާ ބޭފުޅެކެވެ. އޭނާ ކުއްލި ގޮތަކަށް އަވަހާރަވެފައިވާއިރު، މާދަމާ އާއި ހޯމަ ދުވަހު މިންސްކްގައި ވްލަޑިމިއާ ޕޫޓިންގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ހޯސްޓް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރަޝިއާއިން ވަނީ މާކޭގެ ކުއްލި މަރާއި ގުޅިގެން ހައިރާންވެފައިވާކަން ހާމަ ކޮށްފައެވެ.
މާކޭ ކުއްލި ގޮތަކަށް އަވަހާރަވެފައިވާއިރު، މިހާތަނަށް ރިޕޯޓްތަކުން އޭނާ މަރުވެފައިވާ ސަބަބު ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ މަރުވިއިރު، ހުންނެވީ ސިއްހަތު ދުޅަހެޔޮކޮށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.