ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިންރާން ޚާން އަވަހާރަކޮށްލުމަށް ދިން ބަޑީގެ ހަމަލާއިން ސަލާމަތްވުމަށްފަހު ފަރުވާ ހޯއްދަވައި އަނެއްކާވެސް ކެމްޕޭނަށް ނިކުމެވަޑައިގެންފިއެވެ.
މިމަހުގެ ކުރީ ކޮޅުގައި ޕާކިސްތާނުގެ ވަޒީރު އާބާދުގައި އިމްރާން ޚާންއަށް އަވަހާރަކޮށްލުމަށް ދިން ބަޑީގެ ހަމާލާގައި އެކަކު މަރުވެފައިވާއިރު، ބަޑީގެ ހަމަލާއެއް އަމާޒުވެ އިމްރާން ޚާންގެ ފަޔަށް ވަނީ ގެއްލުންލިބި ސާރޖަރީއެއްވެސް ކުރައްވާފައެވެ.
އަނިޔާއަށް ފަރުވާ ހޯއްދެއްވުމަށްފަހު އެންމެ ފުރަތަމަ އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ރަވަލްޕިންޑީގައި ކުރިއަށްދިޔަ ކެމްޕޭން ޚަރަކާތުގައި ހާހަކަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެ އިމްރާން ޚާންއަށް މަރުޚަބާ ދަންނަވާފައެވެ.
އިމްރާން ޚާންއަށް ހަމަލާދިން މީހާ ވަނީ ހަމަލާދިން ވަގުތުގައި ހުއްޓުވައި ހައްޔަރުކޮށްފައެވެ.
ޕާކިސްތާނަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ރެކޯޑް އޮންނަ ގައުމައެކެވެ. 2007 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ވަނީ އަވަހާރަކޮށްލާފާއެވެ.
ބޮޑުވަޒީރުގެ މަގާމުމް އިމްރާން ޚާން ދުރުކޮށްފައިވަނީ، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައެވެ. އެއާއެކު އަވަސް އިންތިޚާބަކަށް ގޮވާލާ އިމްރާން ޚާން ގެންދަވަނީ މުޒާހަރާތައް ބާއްވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ، އެންމެ އަވަހަށް ވެސް އާންމު އިންތިޚާބެއް އޮންނާނީ ކުރިން ވެސް ކަނޑައެޅިފައި އޮތް މުއްދަތުގައި ކަމަށެވެ. އެއީ އަންނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހު ކަމަށެވެ.