މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރްއެސްޑަބްލިޔު) ސިޒްޓަމާއި ސޯލާރ ޕަވަރ ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ޕްރޮޖެކްޓުގެ ދަށުން މަސްވެރި އުޅަނދުތަކުގައި އާރްއެސްޑަބްލިޔު ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ފައިނޭންސިންގ ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވައިލާ ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮޖެކްޓުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 200 މަސްވެރި އުޅަނދުގައި މި ސިސްޓަމްތައް ހަރުކުރުމަށް ވަނީ ރާވައިފައެވެ.
އެ ގޮތުން ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރއެސްޑަބްލިޔު ސިސްޓަމާއި ސޯލާރ ޕަވަރ ސިސްޓަމް ހަރުކުރެވިގެން ދާނެ ކަމަށާއި މި ފިޔަވަހި ކުރިއަށް ދާނީ 2022 އަދި 2023 ގައިކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދަކަށްވުމާއި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީ ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން ހިމެނެއެވެ. އަދި އެ އުޅަނދަކީ މިހާރު ވެސް މަސްވެރިކަން ކުރުމަށް ބޭނުންކުރާ 50 ފޫޓަށްވުރެ ބޮޑު އުޅަނދެއް ކަމުގައިވުމާއި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީ ހުރި އުޅަނދަކަށް ވާންޖެހޭނެއެވެ.
މީގެ އިތުރުން އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުމާއި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ނަގާފައިވާނަމަ އެ ފެސިލިޓީއަކަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިޢާޔަތް ކުރާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވައިލާފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެންބަރުގެ 31 ވަނަ ދުވަހުގެ 12:00 އެވެ.
ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީގެ 3339525 ނަންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ 1500 ނަންބަރުންނާއި އެސްޑީއެފްސީގެ 1613 އަށް ގުޅުމުން ލިބޭނެއެވެ.