މިއަދަކީ ވޯލްޑް ކަޕް ފެށިތާ ހަތްވަނަ ދުވަހެވެ. މިއަދު މުބާރާތުގެ 4 މެޗު ކުޅެން ހަމަޖެހިފައި ވެއެވެ. ކޮންމެ މެޗަކީ މުހިއްމު މެޗަކަށް ވިޔަސް މިއަދުގެ އެންމެ މުހިއްމު މެޗަކަށް ވެފައި ވަނީ މިރޭ ދަންވަރު 12.00ގައި ފަށާ އާޖެންޓީނާއާއި މެކްސިކޯ ބައްދަލުކުރާ މެޗެވެ.
އާޖެންޓީނާއާއި މެކްސިކޯގެ މެޗު މުހިއްމު ވަނީ މެޗުން މޮޅުވާން އާޖެންޓީނާއަށް މަޖުބޫރު ވެފައި ވާތީއެވެ. މެޗުން ބަލިވެއްޖެނަމަ ދެ ވަނަ ބުރަށް ނުގޮސް އާޖެންޓީނާ ގްރޫޕް ސްޓޭޖުން ކަޓައި މުޅި މުބާރާތަށް އަލްވަދާއު ކިޔަން ޖެހޭނެތީއެވެ.
ޤަޠަރުގައި 2022 ވޯލްޑް ކަޕް ފެށުމުގެ ކުރިން އެންމެ ގިނަ ބަޔަކު ބުނަމުން އައީ މި ފަހަރު ވޯލްޑް ކަޕް ގެންދާނީ އާޖެންޓީނާ ކަމަށެވެ. އެއީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އާޖެންޓީނާއިން ކުޅުނު މެޗުތަކުގެ ތެރެއިން 36 މެޗުން ބަލިނުވެ މޮޅުވެފައި ވާތީއެވެ. ނަމަވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ ކޮޅަށް ލަނޑެއް ޖެހުމަށްފަހު ހައިރާން ކުރުވަނިވި ގޮތަކަށް 1-2 ލަނޑުން ވަނީ ބަލިވެފައެވެ. ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ މަގުބޫލު ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ލިއޮނަލް މެސީއަށް އެ މެޗުގައި މޮޅު ކުޅުމެއް، މޮޅު ހުނަރެއް ނުދެއްކުނެވެ.
މިރޭގެ މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަނޯލީ ބުނީ މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޓީމުން ކުރާނޭ ކަމަށެވެ. އަދި މެކްސިކޯ ބަލިކުރެވޭ ވަރުގެ ފެންވަރު އާޖެންޓީނާ ޓީމުގައި ހުރިކަމަށް ވެސް އޭނާ ބުންޏެވެ.
ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގައި މެކްސިކޯއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައޫދީ އަރަބިއްޔާ އަތުން ބަލިވުމުން އާޖެންޓީނާ އަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. ސައުދީން 1-2 ގެ ނަތީޖާއިން އާޖެންޓީނާ ބަލިކުރުމާ ގުޅިގެން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގަދަ 16 އަށް ދާން ބޭނުންނަމަ އެ ޓީމަށް ޖެހޭނީ މެކްސިކޯ ބަލިކުރާށެވެ.
ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ މި ފަހަރުގެ މުބާރާތުގައި ހިމެނެނީ ގުރޫޕް ސީގައެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާއާއި ޕޮލެންޑް އަދި މެކްސިކޯއެވެ.
ދެ ފަހަރަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާ ބޮޑު ޕްރެޝަރަކާއެކު ދަނޑަށް ނިކުމެ މިރޭ ވާދަކުރާ މެކްސިކޯ ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑާ ވާދަކުރި މެޗުން ޕޮއިންޓެއް ހޯދާފައެވެ.
މެކްސިކޯއިން ގަބޫލު ކުރާ ގޮތުގައި އާޖެންޓީނާއާ ވާދަކޮށް މެކްސިކޯއަށް ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެވޭނެއެވެ.