2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިި ފ.ނިލަންދޫގެ ރައްޔިތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދެއް ނުކުރާނެކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ޚަލީލް މިއަދު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ރައީސް ޞާލިޙާއި ބައްދަލު ކުރުމަށް އެދި ފާއިތުވެދިޔަ 3 އަހަރު ނިލަންދޫ ރަށު ކައުންސިލުން އެތައް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ކޮންމެ ސިޓީއަކަށް ވެސް ލިބޭ ޖަވާބަކީ ކައުންސިލްތަކުން ސިޓީ ފޮނުވަމުންގެންދާ ތަރުތީބުން ނިލަންދޫ ކައުންސިލާ ވެސް ބައްދަލުކުރާނެ ކަމަށެވެ.
ޑރ.ޚަލީލް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފ.އަތޮޅުން ރައީސް ޞާލިޙަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ފީއަލިން ކަމަށެވެ. އަދި ދެވަނަ އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ 2500 މީހުންގެ އާބާދީއެއް އޮތް ނިލަންދޫން ކަމަށެވެ. ނަމަވެސް 2023 ގައި ނިލަންދޫ ރައްޔިތުންގެ ޝިޢާރަކަށްވާނީ ”ނިލަންދޫ އިން ރައީސް އިބޫއަށް ސުމެއް“ މި ޝިޢާރު ކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ.