ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިދީފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ބީޗް ކްލަބަށް ވަދެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ރޭ ރިޕޯޓްކުރުމާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާގެ ބަންދަށް މިއަދު ކޯޓުން 7 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ އިންޒާރެއް މީހަކު ދީފައި މިވަނީ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ބަޔަކު ދޭން މަސައްކަތް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ މައްސަލާގައި މާލެ އާއި ކ. ގުރައިދޫ އަދި އައްޑޫ ސިޓީގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި އެ މައްސަލާގައި 14 މީހަކު ފުލުހުން ހައްޔަރުކުރިއެވެ.