ހަޑި ހުތުރު ގޮތްތައް ފޮރުވަން ”އަންހެން ކާޑު“ ނުކުޅެވޭނެ ކަމަށާއި ތި ކުޅޭ ޑްރާމާ ރަނގަޅަށް އެނގޭކަމަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމަށް ފާޑު ވިދާޅުވެއްޖެއެވެ.
ވައްޑެ އެފަދައިން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ރޮޒައިނާ ބަޔާނެއް ނެރުއްވުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވަމުންނެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ތެރެއިން ރޮޒައިނާ އަކީ އެންމެ ބޮޑަށް ސަރުކާރު ދިފާއުކޮށް ވަކާލާތު ކުރައްވާ އެއް މެންބަރެވެ.
ރޮޒައިނާ ވިދާޅުވެފައިވަނީ ނަފްސާނީ އަނިޔާގެ ސަބަބުން އަންހެނުންނަށް ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ހުރަސްއެޅޭ ކަމަށާއި، އަންހެނުން ދަށްކޮށްލުމަށް އެފަދަ ހަތިޔާރުތައް ބޭނުންކުރާ ކަމަށެވެ.
”އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމަށް ލީޑާޝިޕަށް އަންހެނުން އައުން މުހިންމު. ނަމަވެސް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ސިޔާސީ މަސައްކަތް ކުރާ އަންހެނުންނާއި އަންހެން އެކްޓިވިސްޓުންނަށް ކުރާ ނަފްސާނީ އަނިޔާގެ ސަބަބުން އެކަމަށް ހުރަސްއެޅޭ،“ އޭނާ ވިދާޅުވިއެވެ.
ރޮޒައިނާ އާއި ނަޝީދަށް ތާއީދު ކުރައްވާ ބައެއް އެމްޑީޕީގެ މެމްބަރުންނާ ދެމެދު ވެސް ސޯޝަލް މީޑިއާގައި ދެބަސްވުން ހިނގާފައިވެއެވެ.
ކަން މިހެން އޮއްވާ ރޮޒައިނާގެ ބަޔާނަށް ރައްދުދެއްވަމުން ވައްޑޭ ވިދާޅުވީ އުޅޭ ހަޑިހުތުރު ގޮތް ފޮރުވަން ’އަންހެން ކާޑު‘ ނުކުޅެވޭނެ ކަމަށެވެ.
”އުޅޭ ހަޑިހުތުރު ގޮތް ފޮރުވަން ކޮންމެހެން އަންހެން ކާޑު ކުޅެން ނުހަދާ. ދެން އެންމެންނަށްވެސް މިހާރު ތިޔަ ޑްރާމާ އެނގޭ“ ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ވައްޑެ ޓުވިޓާގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ޕާޓީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. އެޕާޓީ ތެރޭގައި މިހާރު ހިނގަމުން ދަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ އެތެރޭގެ ވާދައެވެ.