ކ. މާފުއްޓަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަނެއް ނޫން ކަމަށާއި އެފަދަ ކަމެއް މިހާތަނަށް ހިނގައިގެން ރެކޯޑް ވެސް ކުރެވިފައި ނުވާ ކަމަށް މާފުށީ ކައުންސިލުން ބުނެފި އެވެ.
”މިހާރު“ ނޫހުގައި އެ ރަށުގެ ލޯކަލް ޓޫރިޒަމާ ބެހޭ ގޮތުން ގެނެސްދިން ރިޕޯޓްތަކަކާ ގުޅިގެން ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި މާފުށި ސިފަކުރުމަކީ ޒިންދާރު ކަމެއް ނޫން ކަމަށެވެ.
ކައުންސިލްގެ ރައީސްއާއި ނައިބު ރައީސްގެ އިތުރުން، އިތުރު ތިން ކައުންސިލަރަކު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނީ މާފުށީގައި ދިރިއުޅޭ މީހުންނާއި ރަށަށް އަރާ ފައިބާ ދެ ޖިންސްގެ މީހުންނަކީ ހަށިގަނެ، ވިއްކުމުގައި ހަރަކާތްތެރިވާ މީހުން ކަމަށް ދެކޭ ނަމަ އެއީ އެގޮތަށް ހިތަށް ތަސައްވަރު ކުރެވޭ ބައެއްގެ ހުރި އުނި ކަމެއް ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރު ވަނީ ވެސް ލޯކަލް ޓޫރިޒަމަކާ ހެދި ނޫން ކަމަށް ބުނެފައިވެއެވެ.
މާފުއްޓަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިންތިހާ އަށް ގިނަ ރަށަކުން ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތަކަށް އިޖާބަ ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތައް މަސައްކަތްކުރަން ޖެހޭނީ އެ މާހައުލަކާ އެކަށޭނެ ގޮތައްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މިހާތަނަށް މާފުށިން ފާހަގަކުރެވުނު މައްސަލަ އަކީ ޓޫރިސްޓަކު ނިވާކަން ކުޑަ ހެދުމެއްގައި އުޅުނު މައްސަލަ އެކަނި ކަމަށް ބުނެފައިވެއެވެ.
ކައުންސިލިން ބުނީ މާފުށީ ރައްޔިތުން ވަނީ ރަލާއި އޫރު މަހާ ނުލައި ވެސް ޓޫރިޒަމަކީ ކުރިއެރުވިދާނެ ވިޔަފާރިއެއްކަން މުޅި ދުނިޔެ އަށް ސާބިތުކޮށް ދީފައި ކަމަށެވެ. އަދި ޓޫރިސްޓުން އެ ރަށަށް ދަނީ ރާއްޖޭގެ މާފުށީގެ ދެކިލައި ހިތްހަމަޖައްސާލުމަށް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.