ޑރ.އިބްރާހިމް މަނިކުގެ ސީދާ ބެއްލެވުމުގެ ދަށުން އެންމެ ފަހުން ހުޅުވި ރިސޯޓް ބ. ނޯޓިލަސް މޯލްޑިވްސްއާއި ގުޅުވައިގެން ނަން ދީފައިވާ ”ދަ ނޯޓިލަސް ފައުންޑޭޝަން“ އިފްތިތާހުކޮށްފިއެވެ.
ދަ ނޯޓިލަސް ފައުންޑޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި، އެފައުންޑޭޝަންއިން މާލީ އެހީ ދިނުމުގެ އިތުރުން، އެ އެހީ ލިބޭ ފަރާތްތަކުން ކުރާ ކަންކަން ކުރިއަށް ގެންދިއުމަށް އެ ފައުންޑޭޝަނުން ފަންނީ އެހީ ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހީ ލިބޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގައި ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.
ދަ ނޯޓިލަސް ފައުންޑޭޝަނުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ވަކި އުމުރުކަށް، ޖިންސަކަށް އަދި އެ މީހެއްގެ ހައިސިއްޔަތަށް ބެލުމެއް ނެތި، އީޖާދީ އަދި ބޭނުންތެރި މަސައްކަތްތަކާއި ކަންކަން ކުރިއެރުވުމަށް މަސައްކަތްކޮށްދޭނެކަމަށް ބުނެފައިވެއެވެ.
އެ ފައުންޑޭޝަނުން ސްކޮލަޝިޕްތަކާއި މާލީ އެހީ ދިނުމުގައި އިސްކަން ދޭނެ ދާއިރާތަކަކީ ފަތުރުވެރިކަމާއި، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، އިންޖިނިއަރިން، ވައިގެ ދަތުރުފަތުރު އަދި ނޫސްވެރިކަމާއި މީޑިއާ އެވެ.
އެ ފައުންޑޭޝަނަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ. އިބްރާހިމް މަނިކު (ޑރ. މަނިކު)ގެ ހަނދާނުގައި، ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން އެހީ ދިނުމަށް އުފެދިފައިވާ ފައުންޑޭޝަނެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު އިބްރާހިމް މަނިކު އަވަހާރަވީ މީގެ ދެ އަހަރު ކުރިން، 26 ނޮވެމްބަރު 2020ގަ އެވެ. އުމުރުން 68 އަހަރުގައި އޭނާ އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
”ދަ ނޯޓިލަސް ފައުންޑޭޝަން“ ގާއިމްކޮށްފައި ވަނީ، އެ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އިބްރާހިމް މަނިކު އުފެއްދެވި އެހެން ކުންފުނިތަކާ ވެސް ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ މަންޓާ އެއާ، ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓް، ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓް ގެ އިތުރުން އދ. ނޯވާ މޯލްޑިވްސް ރިސޯޓްއާއި ރިއޯލޯ ޓްރެވަލްސްގެ އިތުރުން އީގަލް މެރިން އަދި ކޮކާ-ކޯލާ ކުންފުނީގެ ބުއިންތައް ރާއްޖޭގައި ބަންދުކޮށް ވިއްކާ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) ހިމެނެއެވެ.