ހޮލީވުޑްގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓު ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ކަންޔޭ ވަނީ އަމިއްލަ ގޮތުން އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށްފައެވެ. ކަންޔޭ ވަނީ ޓުވީޓާ މެދުވެރިކޮށް އޭނާގެ ރަސްމީ ނަން ކަމުގައިވާ ”ޔޭ“ އާއި ”24“ ޖަހާފައިވާ ކެމްޕޭން ލޯގޯ ވެސް އާއްމުކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކަން ކަންޔޭ ހާމަ ކުރުމާއި އެކު އާއްމުންގެ ގިނަ ބަޔަކު ދަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ. އެގޮތުން ނަސްލީ ގޮތުން ކަންޔޭ މި ފަހުން ފާޅުކޮށްފައިވާ ބައެއް ޝުއޫރުތަކާއި ގުޅިގެން އޭނާއަށް ވަނީ އޭނާއެކު ވިޔަފާރި ޕާޓްނާޝިޕް ހަދާފައިވާ ގިނަ ކުންފުނިތަކުން ގުޅުން ކަނޑައި ކަންޔޭއަށް ލިބިފައިވާ ބިލިއަނަރެއްގެ މަގާމު ވެސް ގެއްލިފަ އެވެ.
އެމެރިކާގެ ކުރިއަށް އޮތް އިންތިހާބުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ރިޕަބްލިކަމް ޕާޓީގެ ފަރާތުން ވާދަކުރަން ވަނީ ނިންމާފައެވެ.