ބޮލީވުޑްގެ ބަތަލް ވަރުން ދަވަންގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމު ”ބޭޅިޔާ“ އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ބަތަލާ ކްރިތީ ސަނޮން އާއި އެކު ވަރުން ކުޅެފައިވާ މި ފިލްމުގައި އެންމެ ފާހަގަ ކުރެވެނީ ވަރުން ދައްކުވާދީފައިވާ ހުނަރެވެ. އެގޮތުން މި ފިލްމަކީ އޭނާ މީގެ ކުރިން ކުޅެފައިވާ ނުވާ އޭނާ ގެ ތަފާތު ހުނަރެއް ފެނިގެންދާ ފިލްމެކެވެ.
މި ފިލްމުގައި ވަރުން ފެނިގެންދަނީ ހަނދުބޮޑުވާ ރޭތަކުގައި ހިޔަޅަކަށް ބަދަލުވާ މީހެއްގެ ރޯލުންނެވެ. މި ފިލްމާއި ބެހޭގޮތުން އާއްމުންގެ ގިނަ މީހުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ މީހުން ވަރަށް ޝައުގުވެރިވާ ގޮތަށް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެއް ކަމަށާއި މިއީ އިންޓަނޭޝަނަލް ފެންވަރުގެ ފިލްމެއް ކަމަށެވެ.
އެގޮތުން މި ފިލްމު ބޮކްސް އޮފީހުގައި އެޅުވި ފުރަތަމަ ދުވަހުވެސް މި ފިލްމަށް ވަނީ 12.06 ކްރޯޑުގެ ފައިދާއެއްވެފައެވެ.