ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ ސިޓީފުޅެއް، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ސިޓީފުޅު ޔޫއޭއީގެ ރައީސްއަށް އެރުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޝާހިދު، މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ފޮރިން މިނިސްޓަރ ޝައިޚް ބިން ޒައިދު އަލް ނަޙްޔާނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައިސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޔޫއޭއީގެ ސަރުކާރާއި، އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ދެޤައުމުގެ ޒަމަންވީ ގާތް، ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް އަބުދާބީ ފަންޑުން ރާއްޖޭގެ އިޖްތިމާއި، އަދި އިޤްތިޞާދީ ތަރައްޤީއަށް ވެދެއްމުން އަންނަ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ފޮރިން މިނިސްޓަރުން ވަނީ ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.، ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު އާމިނަތު ޝަބީނާއާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަލާން މޮޑޮއްޓާ ސަލާން ޖަހަން ގޮސް އެހުރީ، ލަދުހަޔާތުގެ ކަންފުޅެއްވެސް ނެން މުސްކުޅި އެއްޗެއް! ޖަހާސިފަބަލާބަލަ. މުޅިގައުމު ފަނާކޮށްފި، ހަލާކުހުރި.