ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ސ. ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މުޖުތަމައުގައި އެފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެން ތިބެ ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ އެފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަންޖެހޭ ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖެފަދަ ކުޑަ، ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިޤްތިޞާދެއް އޮތް ޤައުމެއްގައި، މިފަދަ ޙާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމެއްކަމަށެވެ. އަދި މިކަންކަމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބަރ ނުވަތަ އިންފޮމޭޝަން ޑޮމޭންގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ޙަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުޞަތު އިތުރުވާކަން ފާހަގަކުރައްވައި ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ބަދަލުވުމަށް މިނިސްޓަރ މާރިޔާ ގޮވާލެއްވިއެވެ.