ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ދާރުލްއާސާރަށް ހިލޭ ވަދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ޤައުމީ ދާރުލްއާސާރުން ބުނެފިއެވެ.
ދާރުލްއާސާރު ބަލައިލަން ހިލޭ ވަދެވޭނީ ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ކަމަށެވެ.
އާންމު އުސޫލެއްގެ ގޮތުން ދާރުލްއާސާރަށް ވަދެވެނީ ޓިކެޓް ގަނެގެންނެވެ. އެގޮތުން ޓިކެޓް ވިއްކާ އަގުތަކަށް ބަލާ އިރު، އެގޮތުން ދަރިވަރުންނަށާއި، އާއްމުންނަށާއި ބިދޭސީންނަށް ޓިކެޓް ވިއްކާ ރޭޓުތައް ތަފާތެވެ. ދިވެހި ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 15ރ. އަށެވެ. ބިދޭސީ ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 31ރ. އަށެވެ. ދިވެހި ކުޑަކުދިންނަށް 20ރ. އަށް އަދި ބޮޑެތި މީހުންނަށް 25ރ. އަށް ޓިކެޓް ވިއްކަ އެވެ. މީގެ އިތުރުން ބިދޭސީ ކުޑަކުދިންނަށް 78ރ. އަށް ޓިކެޓް ވިއްކާ އިރު ބިދޭސީ ބޮޑެތި މީހުންނަށް ޓިކެޓް ވިއްކަނީ 155ރ. އަށެވެ.
ޤައުމީ ދާރުލްއާސާރަކީ ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅި އެއްތަނަކުން ބަލާލުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ތަނެކެވެ.