އެހެންމީހުންގެ އުނިސިފަތަކައިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙްކުރުމުގެ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
އަމިއްލަ ނަފްސު އިޞްލާޙުކުރަން އިސްކަންދިނުމުގެ މައްޗަށް އަލިއަޅުވާލައި ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ކީރިތި ރަސޫލާވެސް އަހަރެމެންނަށް އިރުޝާދު ދެއްވާފައި ވަނީ އެހެން މީހުންގެ އުނި ސިފަތައް ހޯދައި ބެލުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް އޭނާގެ އަމިއްލަ ނަފުސުގެ އުނި ސިފަތައް ބަލައި ހޯދައި، އެ ސިފަތައް ރަނގަޅު ކުރުމަށް އިސްކަން ދިނުމަށް ކަމަށް ބުންޏެވެ.
މިއަދު ބައެއް މީހުންގެ މަސައްކަތަކީ އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދައި، ސޯޝަލް މީޑިއާގައި އެކަންކަން ހާމަކުރުންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ބައެއް ފަހަރަށް އެ މީހުން މީސްތަކުންނަށް މަލާމާތްކުރަނީ މީހުންގެ ހާލަތާއި ސިފައާ ބެހޭ ގޮތުން ކަމަށެވެ. އަދި އަނެއްބައި ފަހަރަށް ނެތިމޮށެނީ މީހުންގެ ހަސަބާއި ނަސަބާއި ބެހޭ ގޮތުން ކަމަށާއި އެ މީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަމަ ބައެއް ކަމަށް އެފަދަ މީހުން ދެކޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި އަމަލުން ކުރާ އަނިޔާއާއި ބަހުން ކުރާ އަނިޔާއާއި ނަފުސާނީ ގޮތުން ކުރާ އަނިޔާވާ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ، އިސްލާމް ދީން ގޮވާލަނީ ތިބާގެ ދުލާއި އަތުގެ އަނިޔާވެރިކަމާއި ގޯނާތަކުން މީސްތަކުން ދުރުހެލި ކުރުމަށް ކަމަށާއި މީސްތަކުންގެ ޖާނާއި މާލާއި އަބުރަށް އަރައިނުގަނެ، މާއްދީ އަދި މާނަވީ ގޮތުންވެސް އެއްވެސް ދުޝްމަނުކަމެއް ނުބޭއްވުމަށް ކަމަށެވެ.