ތާލިބާނުން އަފްޣާނިސްތާނުގައި ހުރި ބޭރުގެ ފައިސާ ފްރީޒް ކުރުމާއި އެކު، އެގައުމުގެ މީހުން ކާނާއަށް ޖެހިއްޖެއެވެ.
އަފްޣާނިސްތާނުގެ ރައްޔިތުންނާއި ހަވާލާދީ ބައިނައްލަޤްވާމީ މީޑީޔާތަކުގައި ބުނެފައިވާ ގޮތުގައި، ބަނޑުހައި ހޫނުކަމުގައި ކުޑަކުދިން ރުއިން ހުއްޓުވުމަށް ނިދާ ބޭސް ދިނުމާއި، ބައެއް މީހުން އެމީހުންގެ ކުދިން ވިއްކާލުމާއި މީގެ އިތުރުން ކުދިންގެ ގުނަވަންތައްވެސް ވިއްކަމުން އަންނަކަމަށް އެމީހުން ބުނެއެވެ.
އަފްޣާނިސްތާނުގެ ތިން ވަނައަށް އެންމެ ބޮޑު ހައިރާތް ސިޓީއިން މަޢުލޫމާތުދިން މީހާއާއި ހަވާލާދީ ޚަބަރުތަކުގައި ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ އެތެރޭގައި ހިނގަމުން އަންނަ ތަޅާފޮޅުންތަކުގައި އެކި މީހުންގެ ގެދޮރު ގެއްލި ކުދި ކުދި ގެތަކެއްގައި ހާހެއްހާ މީހުން ދިރިއުޅެމުން އަންނަކަމަށެވެ. އަދި އެމީހުންގެ ދަރިން ރޯތީ އެކުދިންނަށް ފާމަސީ ތަކުން ނިދާ ބޭސް ގަނެގެން ކުދިންނަށް ދީގެން ނިންދަވަމުން އަންނަކަމަށް އެތަނުގައި ތިބި ގިނަ މީހުން އެއްބަސްވެފައިވާކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.
އެތަނުގައި ހުރި އެކަކުގެ 6 ކުދިން ތިބިކަމަށާއި އޭނާގެ އެންމެ ތުއްތު 1 އަހަރުވެސް ނުވާ ދަރިފުޅަށްވެސް ނިދާ ބޭސް ދޭކަމަށް އެމީހާއި އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.
އެމީހުން ބޭނުންކުރަމުން އަންނަ ބޭސްތަކުގެ ތެރޭގައި އެސްކިޓަލޮޕްރަމް އަދި ސަރޓްރަލިން ހިމެނެއެވެ. މިއީ އާންމު ގޮތެއްގައި ޑިޕްރެޝަން އަދި އެޒައިޓީ ހުންނަ މީހުން ބޭނުންކުރާ ބޭސްތަކެއްކަން ފާހަގަކޮށްލެވެއެވެ.
ޑޮކްޓަރަރުން ހާމަކޮށްފައިވާ ގޮތުގައި ރަނގަޅު ކާނާ ބޭނުން ނުކުރެވޭ ކުދިންތަކަކަށް މިފަދަ ބޭސްތަކެއް ދެވުމުން އެކުދިންގެ ޞިއްޙަތަށް ނުހަނު ބޮޑެތި ގެއްލުންތައް ކުރިމަތިވާނެކަމަށް ބުނެފައިވެއެވެ. އަދި ލިވާ ފެއިލްވުމާއި ކުދިންގެ އުޅުމަށްވެސް ބޮޑެތި ބަދަލްތައް މިބޭހުގެ ސަބަބުން ކުރިމަތިވާނެކަމަށް ޑޮކްޓަރުން ހާމަކުރެއެވެ.
އަފްޣާނިސްތާނުގައި ޒުވާނުންނަށްވެސް ވަނީ ގުނަވަން ވަގަށް ނަގާ މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން ނިދާ ބޭސް ދީގެން އޮޕްރޭޝަންކޮށް އެމީހުންގެ ނުރުހުމުގައި ގުނަވަންތައް ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ.
ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރަން ފެށިފަހުން އެގައުމުގެ އާންމުންނަށް ދުވާލެއްގެ މައްޗަށް މަސައްކަތްކޮށްގެން ލިބެމުން އަންނަ އާމްދަނީ އަކީ 100 އަފްޣާނިސް އެވެ. މިއީ 1 އެމެރިކާ ޑޮލަރެކެވެ. ތާލިބާނުން ބުނަމުން އަންނަނީ އަފްޣާނިސްތާނުގެ މީހުން އެމީހުންނަށް އެއްބާރުލުން ނުދޭތީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް ދަތިތަކާއި ކުރިމަތިލާނެޖެހިފައިވާކަމަށެވެ.