އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެގާނޫނުގެ ދަށުން އިންތިޚާބު ކުރަންޖެހޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ގޮނޑިތައް ހުސްވެގެން އިންތިޚާބު އަބަދު ބާއްވަން ޖެހޭތީ ޚަރަދު ބޮޑުވެ، އިލެކްޝަންސް ކޮމިޝަނުން އޮތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހު ގެނައީ އަންހެނުން ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ލިބޭ މުއްދަތު އެއް އަހަރަށް އިތުރު ކުރުމާ އެކު، އެ ކޮމެޓީގެ ދައުރުގައި ބާކީ އެއް އަހަރު ނެތްނަމަ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށެވެ. ނަމަވެސް، އެ ކޮމެޓީގެ ގާނޫނު އަދަދު ހަމަވާ ވަރަށް މެމްބަރުން ނެތްނަމަ، 60 ދުވަސް ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 10 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
އަންހެނުން ކޮމެޓީތަކުގެ ގޮނޑިތައް ހުސްވުމުން ބައި އިލެކްޝަން ބާއްވަން ޖެހޭއިރު، އެ ކޮމެޓީތަކަށް އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިނުލުމުގެ މައްސަލަ ވެސް ބޮޑެވެ.