ޖުމްހޫރީ ދުވަހުގެ މި މުނާސަބު ދަނޑިވަޅުގައި ޤައުމީ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމަށް ހަނދާން ބަހައްޓަންޖެހޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ބުނެފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި ތަފާތު އިމްތިހާނުތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި, ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބުތަކާއި، އެ ނިޒާމު ނިމެން މެދުވެރިވި ސަބަބުތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުންދާ ގޮތް ހިމެނޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
”މިކަންކަމުން ހާމަ ވެގެން ދާ އެއްކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަކަން“
އެ ގޮތުން ޤައުމީ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމަށާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ ދެފުށް ފެންނަ އަދި ޒިންމާދާރު މުއައްސަސާތަކެއް ޤާއިމު ކުރުމަށާއި, ޙައްޤުތައް ކަށަވަރު ކޮށްދިނުމަށާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުމަށް މި ދަނޑިވަޅުގައި ހަނދާން ބަހައްޓަންޖެހޭކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.