މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ މަޢުލޫމާތު އަދިވެސް ކަށަވަރު ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބުދަދުވަހުގެ ރޭ ހިނގި އަލިފާނުގެ ޙާދިސާގައި ނިޔާވި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާކަމަށެވެ.
މަރުވި މީހުންގެ މަޢުލޫމާތުކަމަށް ބުނެ ބައެއް މީހުންގެ ވަނަވަރު މީޑިއާތަކުން އާއްމުކުރަމުންދާތީ ފުލުހުން ވިދާޅުވީ، އެފަދަ އެއްވެސް މަޢުލޫމާތެއް ފުލުހުން މިހާތަނަށް، އެއިން މީހެއްގެ އާއިލާއާވެސް ހިއްސާކޮށްފައި ނުވާނެކަމަށެވެ.
އެހެންކަމުން، އާއިލާގެ މެންބަރުންގެ އިހްސާސްތަކަށް އިހުތިރާމްކުރުމުގެ ގޮތުން މި މަޢުލޫމާތުތައް، ކަމާގުޅޭ އިދާރާތަކުން ހިއްސާކުރުމުން ނޫނީ އެފަދަ މަޢުލޫމާތު އާއްމު ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ ހާދިސާގައި ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް ނިންމާފައެވެ. މިފަދަ ހިތާމަވެރި ވަގުތެއްގައި އެމީހުންގެ އާއިލާގެ މީހުންގެ އިހްސާސްތަކަށް އިސްކަންދީ، އިންސާނީ ކަރާމާތަށް އިޙުތިރާމްކުރުމަށް އެންޑީއެމްއޭއިންވެސްވަނީ އެދިފައެވެ.