ބިދޭސީންގެ ހައްގުތައް ހިމާޔަތްކުރުމަށް ޤާނޫނުތައް ތަންފީޒުކުރަން ރާއްޖޭގެ ގިނަ ޖަމިއްޔާތަކަކުން ގޮވާލައިފިއެވެ.
ޤާނޫނުތައް ތަންފީޒު ކުރުމަށް ޖަމިއްޔާތަކުން ގޮވާލީ މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގަ އެވެ. ބަޔާން ނެރުނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، އީކްއަލް ރައިޓްސް އިނީޝިއޭޓިވް، ފެމިލީ ލީގަލް ކްލިނިކް، ހޯޕް ފޯ ވްމެން، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް، މިޝަން ފޯ މައިގްރާންޓް ވޯކާސް މޯލްޑިވްސް، ޕަބްލިކް އިންސްޓިއުޓް ލޯ ސެންޓަރ އަދި އުތެމަ ގުޅިގެންނެވެ.
އެ ޖަމިއްޔާތަކުން ބުނީ ރޭ ދިމާވި ހާދިސާ ހިނގީ ބިދޭސީން މަސައްކަތް ކުރާ ތަންތަނާއި އަދި ދިރުއުޅޭ ތަންތަނަށް ވެސް ދިވެހީންނަށް އޮންނަ ގާނޫނުގެ ތެރެއިން ކަންކަން ނުހިނގާތީ ކަމަށެވެ.
ބިދޭސީން ގެންގުޅެމުން ދަނީ މީހުން ދިރިއުޅެން ކަމުނުދާ ކުދިކުދި ތަންތަނުގައި ކަމަށާއި އޭގެ ސަބަބުން އެ މީހުންގެ ހައްގުތަކުން މަހުރޫމްވަމުން ދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ރޭ ހިނގި ހާދިސާގެ ސަބަބުން ހަމައެކަނި ގެއްލުން ލިބެނީ ބިދޭސީންނަށް އެކަނި ނޫން ކަމަށާއި އޭގެ ސަބަބުން ދިވެހި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް މުޅި މުޖުތަމައުއަށް އަސަރުކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި ބުނީ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުން ދިރިއުޅެން އެކަށީގެންވާ ތަންތަން ހޯދައިދޭން ޖެހޭނެ ކަަމަށެވެ. މީހުން ޓްރެފިކް ކުރުމާއި ދެކޮޅަށް ރާއްޖެއިން މުއާހަދާތަކުގައި ބައިވެރިވި ނަމަވެސް ރާއްޖެއިން ގަވައިދުތައް ތަންފީޒު ނުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ޒިންމާވާން ޖެހޭ ލެބާ ރިލޭޝަން އޮތޯރިޓީ، ހެލްތު މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލް، އިމިގްރޭޝަން އަދި ފުލުހުންވެސް އެކަމުގައި ޒިންމާ ނެގުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އަދި އެކަމުގައި ޒިންމާ ވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖުގައި ރޭ ރޯވި އަލިފާންގަނޑު އެ ގަރާޖު މަތީގައި ހުރި އިމާރާތައް ފެތުރި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހަކު ނިޔާވިކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ނުވަ މީހަކާއި ބަންގްލަދޭޝްގެ މީހެކެވެ.
ރޭ 12:30 ހާއިރު ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަކީ މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ. ފަހުގެ ތާރީޚެއްގައި މާލޭގައި އަލިފާނުގެ ހާދިސާއެއްގައި މިނޫނީ މިހައި ގިނަ ބަޔަކު ނިޔާވެފައެއް ނުވެއެވެ.
ބަލަ ފުރަތަމަ ގޮވާލަންވީ އެމީހުން ގަވާއިދާ ހިލާފަށް އުޅޭ މައްސަލަތަކުގެ ވާހަކައެއްނު. އެމިހުން ދިވެއްސެއގެ ބޮލަށްއެރިގެން ކޮންމެވްސް އެއްޱޗެއްދޭގޮތަށް އަމިއްލައަށް މަސައްކަތްކުރަން އުޅެނީ ދިވެއްސެއްގެ ނަމުގަ. ތަންތަން ކުއްޔަށް ހިފަނީވެސްމިގޮތަށް. މިކަން ހުއްޓުވާ. އެއިރުން ހައްލުގެ ކޮޅުމަތިފެނިދާނެ.