ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިހާތަނަށް 90،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ރޭ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ނިޔާވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެ ގެއާއި އެ ސަރަހައްދުގައި ހުރި އެހެން ގެތަކުގައި އުޅުނު މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ.
އެން.ޑީ.އެމް.އޭއިން ބުނީ އެ ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެން ހަ ގެއަކުން 29 މީހުންނަށް ގެސްޓްހައުސްތަކުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 14 ބިދޭސީން ކަމަށެވެ. އަދި އެ ހާދިސާގައި އިތުރު 19 ބިދޭސީއެއްގެ ބޯހިޔާވަހިކަން ގެއްލިފައި ވަނިކޮށް އެ ފަރާތްތަކުގެ ބަދަލުވެރިން އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެން.ޑީ.އެމް.އޭ އިން ބުންޏެވެ.
އެން.ޑީ.އެމް.އޭއިން ބުނީ އެ މީހުން ބޯހިޔާވަހި ކަމަށް 33،500ރ. އާއި އަންނައުނަށް 19،000ރ. އާއި ކެއިންބުއިމަށް 29،000ރ. އިތުރަށް އެހެނިހެން ހަރަދުތަކާ އެކު، 90،000 އަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށާއި އަދި އެ މީހުންނަށް ބޭނުންވާ އިތުރު އެހީތައް ވެސް ފޯރުކޮށްދޭނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ ހާދިސާގައި ނިޔާވެފައިވަނީ 10 ބިދޭސީންނެވެ. އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިމާރާތެކެވެ.