ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމް.އެން.ޑީ.އެފް އިން ދެން ހާމަކުރާނެ އިތުރު މައުލޫމާތެއް ނެތް ކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އެބައޮތްތޯ އެމްއެންޑީއެފް އިން މީޑިއާއަށް ހާއްސަ ކޮށްފައިވާ ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ .އެސުވާލުތަކާއި ގުޅިގެން އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ މުހައްމަދު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ ފަރާތުން ހާދިސާ އާއި ގުޅިގެން ފޯރުކޮށްދެވޭނެ މައުލޫމާތު މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށެވެ. ދެން އިތުރަށް ތަހްގީގުތައް ކުރާނީ ފުލުހުން ކަމަށް ކެޕްޓަން ހަނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކުން ވެސް މިހާތަނަށް ތަފްސީލް މައުލޫމާތުތަކެއް ހާމައެއް ނުކުރެއެވެ. މިހާދިސާގައި ނިޔާވީ ކޮން ގައުމެއްގެ ކޮން ޖިންސެއްގެ ބައެއްކަން ވެސް އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ނިޔާވީ އިންޑިއާގެ ނުވަ މީހަކާއި ބަންގްލަދޭޝް މީހެކެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުލުހުން އަދި ވިދާޅުވެފައި ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ. ބިދޭސީން ދިރިއުޅުނު ތަނުގައި ގަވައިދާއި ހިލާފަށް ބިދޭސީން ގެންގުޅުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހްގީގު ކުރަމުންދާކަމެއް ނުވަތަ ނޫންކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި ރައީސް ޞާލިޙް މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަޙުޤީޤު ކުރެއްވުމަށާއި މި ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި، ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންނާއި މިހާދިސާއާ ގުޅިގެން ހާލުގައިޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.