ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ޖައްސާ ފްލައިޓްތަކަށް އެއާޕޯޓުން ނަގާ ޕެސެންޖާ ސާވިސް ޗާޖް ކަނޑާލަން ނުވަތަ ކުޑަކުރަން އަންނަ އަހަރު މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫންގައި ފެށި ޓޫރިޒަމް ފޯރަމްގައި މިނިސްޓަރު ވިދާޅުވީ އެފަދަ ބިލެއް ހުށަހަޅަން ނިންމަވާފައިމިވަނީ އައްޑޫ ގަން އެއާޕޯޓާއި ހަނިމާދޫ ފަދަ އެއާޕޯޓްތަކަށް ބޭރުގެ އެއާލައިންތަކުގެ ޝައުގުވެރިކަން ހޯދަން ކަމަށެވެ.
އެގޮތުން އަންނަ އަހަރު މަޖިލިސްގެ ޖަލްސާތައް ފެށުމާއި އެކު، ގަމާއި ހަނީމާދޫ އެއާޕޯޓުން އެއާލައިންތަކުން ނަގާ ޕެސެންޖާ ސާވިސް ޗާޖް ކަނޑާލަން ނުވަތަ ކުޑަކުރަން ހުށަހަޅުއްވާނެކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން މިފަދަ ކަންކަން ކުރަން ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ބޭނުންފުޅުވާތީކަމަށެވެ. މިގޮތަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުޅި ރާއްޖެ ކުރިއަރުވައި ތަރައްގީކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގަން އެއާޕޯޓަކީ ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގަން ޖެހޭ ތަނެއް ކަމަށެވެ. އެހެންވެ އެކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ ހަފުތާގެ ބުދަ ދުވަހު ފްލައި ޑުބާއީއާ އެކީ ވެސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކީ އައްޑޫ އަށް ހީނުކުރާ ވަރުގެ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ފްލައި ޑުބާއީގެ ދަތުރުތައް ގަމަށް ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 4 ގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގަން އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ތެރެއިން މި މަހުގެ 21 ގައި ޓެންޑަރިން މަރުހަލާ ވެސް ނިމި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފެށިގެން ދާނެ އެވެ. ފައްޔާޒް ވިދާޅުވީ އެއާޕޯޓަކީ ޓޫރިޒަމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށްވާތީ އެއާލައިންތައް ވެސް އަންނަން ބޭނުން ވަނީ އެނދުތައް ހުރެގެން ކަމަށެވެ. އަދި އެނދުތައް ތަރައްގީކުރާ މީހުން އެކަން ކުރަނީ ފްލައިޓްތައް ޖައްސާނެކަމުގެ އުންމީދު އޮވެގެން ކަމަށް ވިދާޅުވި އެވެ.