މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހުންނަ ސިނާއީ މަސައްކަތް ކުރާ ތަންތަން ބަދަލު ކުރުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މ. ސެންޑްރޯސް ގޭގައި އަލިފާން ރޯވެ 10 މީހަކު މަރުވި ހާދިސާ އާ ގުޅިގެން މިއަދު އެ ސަރަހައްދަށް ވަޑައިގެން އެ ތަން ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މާލޭގައި އެންމެ ފަހުން ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ކެމިކަލް ގުދަންތައް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ދެން އޮތީ ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި ނަމަވެސް މުޅި މައްސަލަ ހައްލު ކުރެވޭނީ މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނެސްގެން ކަމަށް ވިދާޅުވިއެވެ.
”ހަގީގަތުގައި ވެސް އެބަހުރި ލަސްވެފައި. މިއީ މިހާރުން މިހާރަށް ހައްލު ގެންނަން ޖެހިފައި އޮތް ކަމެއް މާލޭގައި މި އޮތް މައްސަލަ،“ ރައީސް ވިދާޅުވި އެވެ.
ގުޅިފަޅާއި ތިލަފުށީގައި މިހާރު ވެސް ގަރާޖާއި ވޯކްޝޮޕްތައް ބަދަލު ކުރާނެ ތަންތަން ހަދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަމާ ބެހޭ ފަރާތްތަކާ މިއަދު މަޝްވަރާ ކުރުމަށް ފަހު، ކުރިން ވެފައި ހުރި ކަންކަމަކީ ކޮބައިތޯ އާއި ކުރިޔަށް އަޅަން ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށް، މިހާރުން މިހާރަށް މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި ކުރަން ހުރި ކަންކަން ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެޗްޑީސީން މިއަދު މީޑިއާ އަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އެ ކުންފުނިން 18 ކެމިކަލް ގުދަނެއް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށްކަމަށެވެ. މާލޭގައި ހިންގާ ކެމިކަލް ގުދަނެއްގައި ސެޕްޓެމްބަރު 2019 ގައި ރޯވެ ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފެށި މަސައްކަތުގައި މިހާތަނަށް ބަދަލުކުރެވުނީ 34 ގުދަނެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މިއީ މާލޭގައި ފަހުގެ ތާރީހެއްގައި އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާ އެވެ.
މިހާތަނަށް 10 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝް އާއި އިންޑިއާ މީހުންނެވެ. އެއް ބަންގްލަދޭޝްގެ މީހެއް އޮތީ އައިޖީއެމްއެޗްގައި ކްރިޓިކަލް ހާލުގަ އެވެ. އެ ތަނުގައި ސްރީ ލަންކާ މީހުން ވެސް ދިރިއުޅެމުން އައި ކަމަށް ރައީސް ވިދާޅުވި އެވެ.
Gudhanthakaai workshop thah meehunaa dhurah gendhaa vaahaka dhahkaathaa 20 aharu vejje. Male thoh jehijje. Fire lorry aai ambulance ah nuvadhevey baivaru goalhi. Konme haadhisaa akah fahu 15 dhuvas vandhen molhu vaahaka dhehkeema nimunee.