ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް އަނދާފައިވާތީ ޞިއްޙީ ރައްކާތެރިކަމަށްޓަކައި އެސަރަހައްދަށް އާންމުން ނުދިއުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭއިން) އިލްތިމާސްކޮށްފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެކި ކަހަލަ އެލްމިނިއަމްއާއި ގޭސްތައް އަނދާފައިވާއިރު މިއީ އިންސާނުންނަށް ނުރައްކާތެރި މާއްދާތައް އެކުލެވޭ ތަކެތިކަމަށާއި، މި ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރިކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ދުމުގެ ތެރޭގައި ހިމެނޭ ކާބަން މޮނޮކްސައިޑް އަދި ނައިޓްރިޖަން އޮކްސައިޑް އަދިވެސް އެކަހަލަ އެކިއެކި މާއްދާތައް މި ސަރަހައްދުގައި ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.
އެ ސަރަހައްދަށް އާންމުން ނުދިއުމަށް އިލްތިމާސްކުރާކަމަށާއި އަދި ކޮންމެހެން އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކް އަޅައިގެން އައިސް ކުރާކަމެއް ނިންމުމަށްފަހު އަވަހަށް އެ ސަރަހައްދުން ދިއުމަށް ވަނީ އެދިފައެވެ.
އަލިފާން ރޯވި ސަރަހައްދަށް އާންމު ޖަމާވުމަކީ ރެސްކިއު އޮޕަރޭޝަން ހިންގާ ފަރާތްތަކަށްވެސް އުނދަގޫތަކާއި ކުރިމަތިވާނެކަމެއްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
ރޭ ދަންވަރު 00:30 ކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާނުގައި ހުންނަ މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީގައި ހުރި ގަރާޖެއްގައެވެ.