ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ ޤަޟިއްޔާއެއްގައި ދައުވާ ކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ އަމުރެއްގެ ދަށުން, ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދައުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވި, ދައުވާ ކުރާ ފަރާތުން ދައުވާ ކުރި ބޭނުން ހާސިލުވެފައި ވަނިކޮށް, ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ދައުވާ ކުރާ ފަރާތް ރަށުން ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ދީފައިވާ އެޑްރެހަށް ޗިޓް ރައްދުކުރެވިފައި ނުވާތީކަމަށް ބުނެ ދައުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އަދި ކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކަށް ބެލުމެއްނެތި އަދި ހަވާލާދެވުނު ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލްކޮށްފައި ވިޔަސް އެކަމަށް ވެސް ރިއާޔަތްކުރުމެއް ނެތި އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކު އެ ޤަޟިއްޔާ ނިންމައި ޙުކުމްކޮށްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ޝަރުޢީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދައުވާ ކުރާ ފަރާތަށް ލިބިފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.