ރޭ ހިނގި އަލިފާނުގެ ހާދިސާގައި އާއި ގުޅިގެން މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ރައކާތެރިވުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އެކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި އަލިފާނުގެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާތީ އެމީހުންނަށް ބޭނުންވާ އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމަށް ހުރިހާ ދިވެހިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައިވެއެވެ.
އެ ކޯލިޝަނުން ވަނީ މިހިތާމަވެރި ހަދިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.
އަލިފާން ނިއްވުމުގެ މައްސައްކަތުގައި ފުރާނައަށް ބެލުމެއްނެތި ހަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އެހީތެރިވި އާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް އެ ކޯލިޝަނުން ޝުކުރު އަދާކޮށްފައިވެއެވެ.
މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްވެސް އެ ކޯލިޝަނުން ގޮވާލާފައިވެއެވެ.