އަލިފާން ރޯވި މ. ސެންރޯސްގޭގައި ގިނައިން ދިރިއުޅެނީ ބިދޭސީން ކަމަށާއި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ އަށް މީހެއް ހިމެނޭކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އަލިފާނުގެ މިހާދިސާއާއި ގުޅިގެން މިހާތަނަށް މަރުވި 10 މީހުންގެ ތެރެއިން އަށް މީހުންނަކީ އިންޑިއާގެ ރައްޔިތުންކަމާއި އެކަކު ނިސްބަތް ވަނީ ބަންގްލަދޭޝްއަށްކަމަށް ބައެއް މީޑިޔާތަކުން ވަނީ ބުނެފައެވެ. ބާކީ ދެމީހުނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ސާފެއް ނުވެ އެވެ.
މ. ސެންރޯސްގޭގައި 18 ވަރަކަށް ބިދޭސީން ދިރިއުޅުނު ކަމަށް އެގޭގެ އަވަށްޓެރިންނާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ބުނެފައިވާއިރު، އެގެއަކީ ލަކުޑި ބޭނުންކޮށްގެން ޑެކު އަޅައިގެން ދެ ބުރިއަށް ހަދާފައި ހުރި 10 ކޮޓަރި ހިމެނޭ ގެއެކެވެ. ގޭގެ ދެވަނަ ފަންގިފިލާއިން ތިރިއަށް ލަކުނޑިތަކާއި ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި ފައިބާފައި ހުރި ކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެ އެވެ.
ސެންރޯސްގޭގައި ބައެއް މީހުން މަރުވެފައި ތިބީ ކޮޓަރިތަކުގަ އާއި ފާޚާނާ ތެރޭގައި ތާށިވެގެން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ސެންރޯސްގޭގައި ފުރަތަމަ ރޯވެފައިވަނީ އެގޭގެ ތިރީ ބައިގައި ހިންގަމުން ގެންދާ ގަރާޖުގައި ކަމަށާއި އެ ގަރާޖުގައި މީގެ ކުރިން ތިން ފަހަރު ރޯވެފައިވާ ކަމަށްވެސް ގޭގެ އަވަށްޓެރިން ބުނެފައިވެއެވެ.
އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން މީހުންވެސް އޭރު ނެރުނެވެ.
ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ދަނީ މިހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށާއި ކައިރި އިމާރާތްތަކުން ނެރުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެންޑީއެމްއޭއިން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ވަގުތީ ސެންޓަރެއް ހަދާފައިވަނީ މާފަންނު ދަނޑުގަ އެވެ.
މަރުވި މީހުންގެ ހަށިގަނޑުތައް ވަނީ ގަލޮޅު ސަހަރާއަށް ގެންގޮއްސަ އެވެ.
އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. މ. ސަންރޯސްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމް.އެން.ޑީ.އެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.