ރ.ދުވާފަރުގެ ކައުންސިލް މެމްބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަކާއި ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ ބައި-އިލެކްޝަންއެއް އަންނަ ޑިސެމްބަރު މަހުގެ 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
24 ޑިސެމްބަރު 2022 ވާ ހޮނިހިރު ދުވަހު މި ދެ ރަށުގެ ބައި-އިލެކްޝަންތައް ބާއްވާ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަޤާމްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު 9 ނޮވެމްބަރު 2022 ވީ ބުދަ ދުވަހުގެ 9:00 ން ފެށިގެން 24 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މުއްދަތު ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާންކޮށްފައެވެ.
ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2022 ޑިސެންބަރު 24 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2022 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެއެވެ.