ރޭ މެންދަމު 12:30ހާއިރު އަލިފާން ރޯވި މ. ސެންރޯސްގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރޭގައި ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމް.އެން.ޑީ.އެފްގެ ކާނަލް ވިދާޅުވީ، މި ޙާދިސާއަކީ މިހާތަނަށް ދިމާވި މިފަދަ އެންމެ ބޮޑު އެއް ޙާދިސާކަމަށެވެ. އޭނާ ވިދާޅުވީ، ބަންގްލަދޭޝް، ލަންކާ އަދި އިންޑިއާގެ ރައްޔިތުން އެތަނުގައި އުޅެމުން ދިޔަ ކަމަށެވެ.
މި ޙާދިސާގައި މަރުވެފައިވާ 10 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ސަލާމަތްކުރެވުނު މީހުންގެ ތެރެއިން އެކެއްގެ ޙާލު ސީރިއަސްކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރެއިން ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަރާޖުގެ ތެރޭގައިވެސް ގިނަ އަދަދަކަށް ބޮޑެތި ގޭސް ސިލިންޑަރުތައް ހުރިކަމަށާއި، މަތީ ދެ ފަންގިފިލާގައި ކުދި ކުދި ކޮޓަރިތަކެއް ހުރިކަމަށެވެ. ކޮންމެ ކޮޓަރިއެއްގައި އެނދާއި ޖެހިގެން ކެއްކޭ ގޮތަށް އުނދުނާއި އެކު ގޭސް ފުޅި ހުރި ކަމަށް އެމް.އެން.ޑީ.އެފް އިން ބުނެފައިވެއެވެ. އެ ތަނުގައި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރުމުން، އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށް އެމް.އެން.ޑީ.އެފް އިން ހާމަކޮށްފައިވެއެވެ.
”ބިދޭސީން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސް ހުރި. ނަމަވެސް ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ސާފުވާނީ ފުރިހަމަ ތަހުގީގަކަށްފަހު.“ ކާނަލް ވިދާޅުވިއެވެ.
އެ ތަނަކީ ހަނި ސިޑިއަކުން އަރަންޖެހޭ ތަނަކަށްވާއިރު، އެކަމުގެ ސަބަބުންވެސް ފަޔަރ ފައިޓަރުންނަށް ގޮންޖެހުންތައް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މިކަމާ ގުޅޭ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި، މިހާރު ސީން ޕްރޮސެސްކޮށް، ނިޔާވި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަލާމަތް ކުރެވުނު މީހުންނަށް ދޭން ޖެހޭ އެހީތެރިކަން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ މެދުވެރިކޮށް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޝުޖާއު ވަނީ މި ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ، އެކި އެކި ސްކޭމްތައް ފޮނުވަމުންދާކަން ބަޔާން ކުރައްވައި އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
މި ނޫސް ބްރީފިންގައި ނޭޝަނަލް ޑިސާސްޓާރ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ)ގެ ޗީފް ހިސާން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުން މާފަންނު ސްޓޭޑިއަމްގައި ހުރި އިވެކުއޭޝަން ސެންޓަރު ހުސްކޮށް އެތަނަށް މީހުން ގެންދިއުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ބެކަޕެއްގެ ގޮތުން ޖަމާލުއްދީން ސްކޫލު ވެސް ތައްޔާރު ކޮށްފައިވާ ކަމަށާއި، މިހާތަނަށް 28 ބިދޭސީއަކު އިވެކުއޭޝަން ސެންޓަރަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކާއި މިހާރު އެމީހުންގެ ވަޒީފާ އަދާ ކުރާ ތަންތަނުން އައިސް ޙަވާލުވެފައިވާކަން ވެސް ހިސާން ފާހަގަ ކުރެއްވިއެވެ.
ހިސާން ވިދާޅުވީ، އެމީހުންނަށް ދޭންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދެމުންދާ ކަމަށާއި، ސައިޓް ކްލިއަރ ކުރެވޭ މިންވަރަކުން އާއިލާތައް އެތަންތަނަށް ބަދަލު ކުރުމުގެ ކަންކަން ކުރަމުންދާކަމަށެވެ.