ނޭޕާލްގެ އުތުރުހުޅަނގުގައި އޮންނަ ޑޯޓީ ޑިސްޓްރިކްޓްއަށް 6.6 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސް 6 މީހުން މަރުވެ ގެތަކެއް ވެއްޓި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
ނޭޕާލް ގަނޑިން ބުދަ ދުވަހުގެ މެންދަމު 2 ޖެހި އިރު އައިސްފައިވާ މި ބިންހެލުމުގެ އަސަރު އިންޑިޔާގެ އުތުރުގެ ސަރަޚައްދުތަކަށްވެސް ކޮށްފައިވާކަމަށް ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
ޑޯޓީ ޑިސްޓްރިކްޓްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ކުޑަ ކުދިން ހިމެނެއެވެ. ކުޑަކުދިން މަރުވެފައިވަނީ ބިންހެލުމުގެ ސަބަބުން ފަރުބަދަތައް ހުރި ހިސާބުގައި ގެތައްވެއްޓުމާއި ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި 40 އަހަރުގެ މީހަކާއި 50 އަހަރުގެ މީހަކު ހިމެނެއެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށާއި މީހުން ހޯދުމުގެ މަސައްކަތް ނޭޕާލްގެ ސިފައިންގެ ހެލިކޮޕްޓަރު ބޭނުންކޮށްގެން ކުރަމުން އަންނަކަމަށް ސިފައިނައި ހަވާލާދީ ބައިނައްލަޤްވަމީ ނޫސްތަކުގައި ބުނެފައިވެއެވެ.
ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިމޮލޮޖިކަލް ސެންޓަރު (އީ.އެމް.އެސް.ސީ)އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އިންޑިޔާގެ އުތުރުން އިރުމަތީގެ އޮންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ފިލިބިޓް ސިޓީ ހިސާބުން 160 ކިލޯމީޓަރުގެ ހިސާބަކަށެވެ.
އެސެންޓަރަށް ރެކޯޑު ކުރެވިފައިވަނީ 5.6 މެގްނެޓިއުޑްގެ ބިންހެލުމެއްކަމަށާއި އެމެރިކާގެ ސެންޓަރުންވެސް ރެކޯޑުކޮށްފައިވަނީ ހަމަ 5.6 މެގްނެޓިއުޑްގެ ބިންހެލުމެއް ނަމަވެސް ނެޕާލްގެ ސެއިސްމޮލޮޖިކަލް ސެންޓަރުން ރެކޯޑު ކުރެވިފައިވަނީ 6.6 މެގްނެޓިއުޑްގެ ބިންހެލުމެއްގެ ގޮތުގައެވެ.
ނޭޕާލްގެ ސެންޓަރުގެ ރެކޯޑުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ރޭގަނޑު 9 ޖެހި އިރުވެސް ބިންހެލުން އައި ސަރަޚައްދަށް 4.8 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ވަނި ރެކޯޑުކުރެވިފައެވެ.
އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ގޯރަކްޕުރްއަށް ބިންހެލުމުގެ އަސަރު ކޮންމެސް ވަރަކަށް ކޮށްފައިވާކަމަށް އީ.އެމް.އެސް.ސީ ރިޕޯޓްތައްބުނެއެވެ.
ނޭޕާލްއަށް ބިންހެލުމެއް އައިސްފައި މިވަނީ 2015 ވަނަ އަހަރު އައި 2 ބިންހެލުމުން އަރައިނުގަނެވި އުޅެނިކޮށެވެ. 2015ގެ ބާރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 9،000 މީހުން މަރުވެ، 824،000 މީހުންގެ ގެދޮރަށް ގެއްލުންތައްވެފައިވެއެވެ. އެ ބިންހެލުމުގައި ގާތްގަނޑަކަށް 6 ބިލިއަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދީ ގެއްލުން އެގައުމަށް ވަނީ ކުރިމަތިވެފައެވެ.