ދުނިޔޭގެ އެންމެ މުއްސަނދި އީލޯން މަސްކް ވަނީ އޭނާގެ އިލެކްޓްރޯނިކް ކާރު ކުންފުނި ޓެސްލާގެ 19.5 މިލިއަން އެމެރިކާ ޑޮލަރުގެ ޙިއްސާ ވިއްކާލައިފިއެވެ.
އެމެރިކާގެ ރެގިއުލޭޓަރީ ފައިލިންގްސްގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ޑާޓާ ދައްކާ ގޮތުން ނަމަ، ހުކުރު ދުވަހާއި އަންގާރަ ދުވަހާއި ދެމެދު މަކްސް ޓެސްލާގެ 19.5 މިލިއަން ޙިއްސާ ވިއްކާފައިވާކަމަށް ދައްކައެވެ. ޓެސްލާ ކުންފުނީގެ ސީއީއޯ އީލޯން މަސްކް އެކުންފުނީގެ ޙިއްސާ ވިއްކާފައި މިވަނީ ދާދި ފަހުން 44 ބިލިއަން އެމެރިކާ ޑޮލަރަށް ޓްވިޓާ ގަތުމަށްފަހުގައެވެ.
އޭޕްރިލް މަހު ޓްވިޓާއަށް ބިޑް ކުރުމާއި އެކު މަސްކްގެ ޓެސްލާ ކުންފުންޏަށް ގާތްގަނޑަކަށް 70 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެ، އިތުރަށް ޓެސްލާ ކުންފުނީގެ ޙިއްސާ ނުވިއްކާނެކަމަށް އޭޕްރިލް މަހު ބުނެފައިވެއެވެ. ނަމަވެސް އޮގަސްޓްމަހުވެސް މަސްކް ވަނީ ޓެސްލާގެ 6.9 ބިލިއަން އެމެރިކާ ޑޮލަރުގެ ޙިއްސާ ވިއްކާލާފައެވެ.
އޭޕްރިލް މަހުން ފެށިގެން ޓެސްލާ ކުންފުނީގެ މުޅި ޖުމްލަ 19 ބިލިއަން އެމެރިކާ ޑޮލަރުގެ ޙިއްސާ ޓްވިޓާ ގަތުމަށް ޚަރަދުކުރުމަށް މަސްކް ވިއްކާފައިވެއެވެ.
މަސްކް ޓްވިޓާއާއި ހަވާލުވެ ކުރަމުން އަންނަ ކަންކަމުގެ ތެރޭގައި އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމާއި ޓްވިޓާ އެކައުންޓްތަކުގެ ބްލޫ ޗެކް ވެރިފިކޭޝަން މާކްއަށް އަގު ނެގުން ހިމެނެއެވެ.