ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މަޢުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ޚަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދިފައިވެއެވެ.
އަލިފާނުގެ ހާދިސާގައި މިހާތަނަށް ނިޔާވެފައިވާ 10 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި އަނިޔާވެފައިވާ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އަދި އަލިފާން ރޯވި މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.