ބޮލީވުޑްގެ ތިން ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރު އަދި ސޯނަމް ކަޕޫރު ބޮލީވުޑް ޙަޔާތް ފެށިތާ މިއަދު ވަނީ 15 އަހަރު ފުރިފައެވެ.
މިކަމާއި ގުޅިގެން ވާހަކަ ދައްކަމަކުން އިމްތިއާޒް އަލީ ހާމަކޮށްފައިވާ ގޮތުގައި ދީޕިކާ އާއި ރަންބީރު އަކީ އަމިއްލަ ދިރިއުޅުމަށްވުރެ މަސައްކަތް ދެކެ ލޯބިވާ ދެތަރިން ކަމަށް ހާމަކޮށްފައެވެ.
އިމްތިއާޒް ހާމަކޮށްފައިވާ ގޮތުގައި މި ދެފަންނާނުން އެކުގައި މަސައްކަތް ކުރި ނަމަވެސް އަމިއްލަ ދިރިއުޅުމުގެ ވާހަކަ ނުގެންނަ ކަމަށާއި ރަންބީރު އަދިވެސް ފިލްމީ މަސައްކަތް ކުރަން ބޭނުންވާ ފަރާތަކީ ދީޕިކާ ކަމުގައެވެ.
އެގޮތުން 2009 ވަނައަހަރު ”ބަޗްނާ އޭ ހަސީނޯ“ ގެ ސެޓުން ފެނި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައި 2011 ވަނަ އަހަރު މި ގުޅުން ވަނީ މި ދެފަންނާނުން ވެސް ނިންމާލާފައެވެ. ނަމަވެސް ރުޅިވުމަށް ފަހުގައި ވެސް މި ދެތަރިން އެއްކޮށް ވަނީ ”ޔޭ ޖަވާނީ ހޭ ދިވާނީ“ އާއި ”ތަމާޝާ“ ގައި މަސައްކަތް ކޮށްފައެވެ.