ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 09 މީހަކު ނިޔާވެއްޖެއެވެ.
ރޭ ގާތްގަނޑަކަށް 12:30 ހާއިރު އަލިފާން ރޯވީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އެއީ މ. ނިރުފަހި ކިޔާ ގެއެއްގައި ހުންނަ ގަރާޖެކެވެ. އެ ގަރާޖްގައި ރޯވެ ވަރަށް ބޮޑަށް އަލިފާން ފެތުރުނެވެ. އަދި އަލިފާން ނިއްވުމުގައި ސިފައިންނާއި ފުލުހުން އަދި އާއްމުން ވަނީ ހަރަކާތްތެރިވެފައެވެ.
ރޭގެ ދަންވަރުގެ ވަގުތުގައި މި ގަރާޖުގައި ރޯވި އަލިފާން ނިއްވާލާފައި ވާއިރު، މިހާދިސާގައި ފިހުނު ބައެއް މީހުން އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އަދި އެއަށްފަހު އަލިފާން ނިއްވާ ފަރާތްތަކުން ބޮޑި ބޭގްތަކުގައި ބައެއް މީހުންގެ ހަށިގަޑު އެމްބިއުލާންސަށް އެރުވި މަންޒަރުތައްވެސް ވަނީ ފެނިފައެވެ.
މިހާދިސާގައި ނިޔާވި ބައެއް މީހުންގެ ހަށިތައް މިހާރުވަނީ ގަލޮޅު ސަހަރާއަށް ގެންދެވިފައެވެ.
މިއީ މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާ އެވެ.