ނޮވެމްބަރު ތިނެއްގައި ދިމާވި ކަންކަން އަބަދާއަބަދު ރައްޔިތުންނަށް ކިޔައިދޭންޖެހޭނެ ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ ވާހަކަ އަބަދާއަބަދު ރައްޔިތުންނަށް ކިޔައިދޭންޖެހޭނެ ކަމަށެވެ.
”އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ މިކަހަލަ ކަމަކީ ހަމަ ދިމާވެދާނެ ކަމެއްކަން. ނުވެސް ދެނެހުރެ ތިއްބާ އޭރު ވެސް އަޅުގަނޑުމެން ހިތަކަށް ނާރާ މިކަހަލަ ގޮތެއް ވެދާނެއޭ.“
ރައީސް މައުމޫން ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ދާ ގޮތުން ކޮންމެ ވަގުތަކު ވެސް ތިބެން ޖެހޭނީ ހޭލައި ވިސްނައި ތައްޔާރަށް ކަމަށެވެ. އަދި މިއީ ދިވެހިންގެ ވަޠަން ކަމަށާއި އެކަން ”އަޅުގަނޑުމެން އަބަދު ވެސް ހަނދާން ކުރަން“ ކަމަށެވެ.
ވަޠަނުގެ ދިފާޢުގައި ކުރެވެން ހުރި ކަމެއް އަބަދުވެސް ކުރަން ޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.