ނައިބު ރައީސް ފައިޞަލް ނަސީމް މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.
ނައިބު ރައީސް މިޞްރުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލު ކުރެއްވީ އެ ޤައުމުގައި ކުރިޔަށްދާ އ.ދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނޭ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27)ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ނައިބު ރައީސް ދަރިވަރުންގެ ހާލު އޮޅުންފިލުއްވައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާގޮތް އޮޅުން ފިލުއްވާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލު ކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ މުހިންމުކަން ވެސް ނައިބު ރައީސް ފާހަގަކުރައްވާފައިވާ ކަމަށެވެ.
ސްޓޫޑެންޓް ލޯނާ ގުޅިގެންނާއި އަދި އެނޫންވެސް ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ދަރިވަރުން ފާހަގަ ކުރުމުން ނައިބު ރައީސް ވަނީ ދަރިވަރުންގެ ފަރާތުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.