ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިމުގެ ތެރެއަށް ވައްދަން އެބަޖެހޭކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ ޓީވީއެމްއިން ގެނެސްދިން މަޖިލިސް ބަހުސްގައި ރައީސް ޞާލިޙް ކުރިން ދައްކަވާފައިވާ ވާހަކަފުޅުގެ ބައެއް ޓްވިޓާގައި ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ޞާލިޙް އޭރު ވިދާޅުވެފައިވަނީ ސަރުކާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ނުވެ ކަމަށެވެ.
”އެހެންވީމަ އަޅުގަނޑުމެން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް ސަރުކާރު، އެ ބައެއް އެ ބައެއްގެ އިމުގެ ތެރެއަށް ވައްދަން އެބަޖެހޭ“ ހިންނަވަރު ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސަޢީދު މިއަދު ވިދާޅުވީ ސަރުކާރު މިއަދު ވަނީ އިމުން ބޭރުވެ ކުދިކުދި ހޮރުހޮރުގައި ވަރަށް ބާރަށް ތާށިވެފައި ކަމަށެވެ.
”ހިންނަވަރު ދާއިރާގެ ކުރީގެ މެމްބަރުގެ މި އަގުހުރި ނަސޭހަތުގެ ބަސްކޮޅު އަޑުއަހައި، ރައްޔިތުން ނިކުމެ މިހާރުގެ ރައީސް އިމުގެތެރެއަށް ވައްދަން އެބަަޖެހޭ“
ސަޢީދު ވިދާޅުވީ ވެރިކަމުގެ ލައްޒަތަށް ޤައުމު ވިއްކަމުން ދުވަނީ ކަމަށެވެ.