ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް އައްޝައިޚް ޢަލީ ޒައިދު ތާއީދު ކުރައްވައިފިއެވެ.
ޒައިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ދުރުކުރަންޖެހޭތާ ކިތަންމެ ދުވަހެއް ކަމަށެވެ. އެ މަޤާމުގެ ހައިބަތަށްޓަކައި ވެސް އެ މަޤާމުން ދުރުކުރަންޖެހޭ ކިތަންމެ ވާހަކަފުޅެއް އިސްވެ ދިޔަތަނުގައި ނަޝީދު ދައްކަވާފައިވާ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
”ކޮންމެ ބަޔަކު ކުރިޔަސް ސަރުކާރުން ކުރިޔަސް މި ކުރަނީ ހަމަ ރަނގަޅު ކަމެއް! ތާއީދުކުރަން.“
ޒައިދު އެހެން ވިދާޅުވިއިރު މައްސަލައިގެ އަޑީގައި އޮތީ ސަރުކާރުކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ތުހުމަތު ކުރައްވައިފައެވެ.
ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަޙްމަދު ޠާލިބެވެ. އެއީ މިޞްރުގައި ކުރިއަށްދިޔަ ކޮޕް 27 ސަމިޓްގައި ނަޝީދު ލަންކާ ތަމްސީލު ކުރެއްވުމާ ގުޅިގެން ހުށަހެޅުއްވި މައްސަލައެކެވެ.
ޠާލިބް ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކުރައްވާފައިވާ ގޮތުން ނަޝީދުގެ އެ ޢަމަލަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ކަމެކެވެ.