ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
މިޞްރުގައި ކުރިއަށްދިޔަ ކޮޕް 27 ސަމިޓްގައި ނަޝީދު ލަންކާ ތަމްސީލު ކުރެއްވުމާ ގުޅިގެން މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަޙްމަދު ޠާލިބެވެ.
އެ މައްސަލައިގައި ބުނެފައިވާ ގޮތުން ނަޝީދުގެ އެ ޢަމަލަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށެވެ.
މި މައްސަލަ ބަލައިގަތުމާމެދު ސްޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ކޮޕް 27 ސަމިޓްގައި ނަޝީދު ލަންކާ ތަމްސީލު ކުރެއްވުމާ ގުޅިގެން ގިނަ ބޭފުޅުންގެ ފާޑުކިޔުން އަމާޒުވިއެވެ.