ކ.ކާށިދޫ ކުރުހިންނަ ތަރާގަނޑާއި އެ ރަށުގައި ހުރި އެހެނިހެން އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އިއްޔެ މިނިސްޓަރު ޔުމްނާ މައުމޫނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކުރުހިންނަ ތަރާގަނޑާއި،, ކާށިދޫގައި ހުރި އެހެން އާސާރުތައް ސަގާފީ ފަތުރުވެރިކަމަށް ފަހިވާނެހެން ރައްކާތެރިކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
1996 ވަނަ އަހަރާއި 1998 ވަނަ އަހަރާ ދެމެދު ސައިންޓިފިކް އުސޫލުތައް ބޭނުންކޮށްގެން ނޯވޭގެ ޔުނިވަރސިޓީއެއްގެ އާކިއޮލޮޖިކަލް ޓީމެއް ކާށިދޫ ތަރާގަނޑު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއެވެ. އެ މަސައްކަތް ކުރީ އޭރުގެ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ މަރުކަޒު ގުޅިގެންނެވެ.
އެ ދިރާސާއިން އެނގުނު ގޮތުގައި ކާށިދޫ ކުރުހިންނަ ތަރާގަނޑަކީ މީލާދީން 3 ޤަރުނާއި 4 ވަނަ ޤަރުނާ ދެމެދުގައި ބިނާކޮށްފައިވާ ބުޑިސްޓު ވޭރެކެވެ.