ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖަހާ ފުރަތަމަ ތަނބު ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
ޕްލޭނިންގް މިނިސްޓްރީން މިއަދު ބުނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ޓެސްޓް ޕައިލް ޓީ.ޕީ 01 ގެ ކޮންކްރީޓް މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ދެ ”ފްލޯޓިންގް ބެޗިންގް ޕްލާންޓް“ ބޭނުން ކުރަމުން ދާ ކަމަށެވެ.
ބުރިޖުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. ބުރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ އެޅީ މިދިޔަ އޮގަސްޓުގައެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އޭގެ އިތުރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދީފައިވެއެވެ.
ބުރިޖުގެ މަޝްރޫޢުގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ މެރިން ވިއަޑަކްޓްއާއި ތިލަ ހިސާބުތަކާއި އެއްގަމުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް 2.96 ކިލޯ މީޓަރުގެ އެޓް ގްރޭޓް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބުރިޖު އެޅިގެންދާނެއެވެ. އަދި މާލެއާއި ވިިލިމާލޭގެ ލޭންޑް އިންޓާރޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަނާއި, ގުޅިފަޅާއި ތިލަފުށީގައި ރައުންޑް އެބައުޓްތަކެއް ޤާއިމުކުރާނެއެވެ. އެއިން ކޮންމެ ރަށެއްގައި ވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލެއް ޤާއިމުކުރާއިރު، ލޭމްޕް ޕޯސްޓްތަކާއި، ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރާނެއެވެ.