އެއް ފައިން ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ޝަވަން މުޙައްމަދަށް ޕްރޮސްތެޓިކް ފައެއް ޖަހަން ސަރުކާރުން އެހީވާނެކަމަށް ބުނެފިއެވެ.
އުމުރުން ހަތް އަހަރުގެ ޝަވަން އެއް ފައިން ފުޓްބޯޅަ ދަނޑުގައި ދެއްކި ހިތްވަރަށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފް ކުރަމުންނެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ޝަވަން އާއި މިއަދު ބައްދަލުވެފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ފަހިކޮށްދީފައިވާ ކަމަށެވެ.
”ޝަވަން ކުޅިވަރު ކުޅުމަށް ބޭނުންވާނެ ޕްރޮސްތެޓިކް ފަޔެއް ނޫންނަމަ ރަނިންގ ބްލޭޑެއް އިރާދަކުރެއްވިއްޔާ ހޯދަދޭނަން.“ މަހުލޫފް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަވަން އަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައި އެކަމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.
ޝަވަންއަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވެމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.
ޝަވަންގެ ކުޅުން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވަނީ މަކުނުދޫ ސްކޫލްގެ ޕްރިންސިޕަލްއެވެ. އެއާއެކު ގިނަ ބައެއްގެ ޝައުޤުވެރިކަން ވީޑިއޯއަށް ވަނީ ލިބިފައެވެ. އަދި ޝަވަންއަށް އެހީތެރިވުމަށާއި އެ ހިތްވަރުން ހިތްވަރު ލިބިގަތުމަށް މީސްމީޑިއާގައި ޚިޔާލުފާޅު ކުރި ފަރާތްތަކުން ބުނެފައިވެއެވެ.