ސްޓެލްކޯގެ މުވައްޒަފުން ވަޒީފާގައި އުޅޭއިރު އެ މީހުންގެ ކުދިން ބައިތިއްބަން އެ ކުންފުނިން ހެދި ޚާއްސަ ސެންޓަރު މިއަދު ހުޅުވައިފި އެވެ.
ސްޓެލްކޯގެ މައި އިމާރާތުގެ ފުރަތަމަ ބުރީގައި ހެދި ”ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރު“ ހުޅުއްވައި ދެއްވީ އެ ކުންފުނީގެ ޗެއާމަން އަދި އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެވެ.
ސްޓެލްކޯ އިން ހަމަޖައްސާފައިވާ ގޮތުން އެ ތަނުން ހިދުމަތް ހޯދޭނީ އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ . ސެންޓަރު ހުޅުވާފައި ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00 އަށެވެ.
އެ މަރުކަޒުގައި ކުދިން ބަލަހައްޓާނީ ކަމަށް ގާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ. ކުދިންގެ އުމުރާ ގުޅޭ ތަފާތު ގިނަ، މަޖާ ހަރަކާތްތަކާއި ކުޅިވަރުގެ ތެރެއިން އުނގެނުމަށް ވެސް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ޗައިލްޑް ކެއާ ސެންޓަރަކީ، ކުންފުނީގެ މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ދައުލަތުގެ ކުންފުނިތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލޙް ދެއްވި އިރުޝާދުގެ ދަށުން ހުޅުވި ތަނެއް ކަމަށެވެ.



”އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ސްޓާފުން މިތަނަށް މަސައްކަތް ކުރަން އަންނަ ވަގުތުތަކުގައި ފައިދާ ކުރަނިވި ގޮތުގައި އެ މީހުންގެ ދަރިންނަށް ސްޓެލްކޯ ތެރޭގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން،“ ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ގާތްގަނޑަކަށް 40 ކުދިން އެ ތަނުގެ ހިދުމަތް ހޯދުމަށް ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.
އެއީ ސަރުކާރުން ސްޓެލްކޯގެ މުވައްޒަފުންނަށް ދިން ހަދިޔާއެއް ކަމަށާއި އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަން ވާނީ ކުންފުނިން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތުން ކަން ފާހަގަކުރައްވަމުން، މިހާރަށް ވުރެ ފުރިހަމަ އަށް ހިދުމަތް ދިނުމަށް، މުވައްޒަފުންގެ ކިބައިން ޝަރީފު އެދިވަޑައިގަތެވެ.