އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ”ފަށާއިރު“ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ކަމަށާއި، ހިޔާލު ތަފާތުވުން ތަކާއެކުވެސް އެމްޑީޕީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށްކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
”ރައީސް ނަޝީދު ނުކުމެވަޑައިގަތަސް (އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިޔަސް) ދޭތެރެޖެހޭ ގޮތަށް އެއްވެސް ވާހަކައެއް އެއްވެސް މީހަކު ދައްކައިގެން ނުވާނެ. އެ ވާހަކަ ދެއްކިޔަކަ ނުވެސް ދޭނަން. އަޅުގަނޑުގެ ވިސްނުން ބޮޑަށް ހުރީ ރައީސް ނަޝީދު ނުކުމެވަޑައި ނުގަންނަވާނެއޭ“ މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދުކުރައްވަނީ އެ މަނިކުފާނުގެ ޑެލިވަރީ ރަނގަޅު ކަމުން ކަމަށާއި ރާއްޖޭގެ ވެރިކަމަށް ގެންނަން އެމްޑީޕީން ވިއްކަން އޮތް އެންމެ ރަނގަޅު ޕްރޮޑަކްޓަކީވެސް ރައީސް ޞާލިޙަ ކަމަށެވެ.
ދެ ފެކްޝަނެއް އުފެދި ކޯޅުން ބޮޑުވެފައިވާ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނުކުތުމަށް ޝައުގުވެރިވާކަން ބައެއް ބޭފުޅުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އެގޮތުން އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޞާލިޙަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓު ނަމަ، އެމްޑީޕީ ބަލިވުން ވަރަށް ގާތެވެ. އެހެންވެ، އެ މަނިކުފާނަށް ތާއީދުކުރެވެން ނެތް ކަމަށްވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަދި ފައިން ދޮންވެލިވެސް ނުފިލާ މާބާރައް ތެޅިގަތަސް ފުކެއްވެސް ދުލެއްނުދޭނަން ދެންވެސް ދުއްވާނީ ހަމަ ދެބޯގެރި