ބެންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ނޮވެމްބަރ 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ސްލިޕް ބޭނުންކޮށްގެން އެކި ދުވަސްމަތިން އެ ފިހާރައިން އޭނާ 170،000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވެއެވެ. އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާދާއިރާއެއްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.