ށ. މާއުނގޫދޫގައި ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ ބަނޑަށް ވަޅިހަރައި ޒަހަމްކޮށްލައިފިއެވެ.
ރޭގެ ވަގުތެއްގައި އެ ރަށު ތިން މީހެއްގެ މެދުގައި ހިނގި މި މާރާމާރީގައި ޒަހަމްވި މީހާއަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ފޮނުވާލާފައެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭގެ ދަންވަރު 12:40 އެހާކަށްހާ އިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 31 އަހަރުގެ މީހަކަށާއި، 25 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި 31 އަހަރުގެ މިހާ އަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.