އަވަށްޓެރި ސްރީ ލަންކާގައި އިޤްތިޞާދު ހީނަރުވެ ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެހީގެ ގޮތުގައި 79 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވީ ނަމަވެސް އިތުރު 70 މިލިއަން އެމެރިކާ ޑޮލަރު އެގައުމަށް ބޭނުންވާކަމަށް ބުނެފައިވެއެވެ.
ޖުލައި މަހުގެ ތެރޭގައި ސްރީލަންކާގެ އިޤްތިޞާދު ބަނގުރޫޓުވެ 3.4 މިލިއަން މީހުން ހާލުގައި ޖެހިފައިވާކަމަށާއި، ގިނަ ބަޔަލު ކާބޯތަކެއްޗަށް ޖެހިފައިވާކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.
ސްރީލަންކާގައި ހަރަކާތްތެރިވަމުން އަންނަ އަލިފްދާލްގެ އޭޖެންޓުން ބުނެފައިވާ ގޮތުގައި، ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިތުރު 70 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެގައުމަށް ބޭނުންވާކަމަށް ބުނެފައިވެއެވެ. އަދި މޫސުމަށް އައިސްފައިވާ ބަދަލާއި އެކު ކާބޯތަކެތި އުފެއްދުމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ، ޑޮލަރު ލިބުމުގެ ދަތިތަކާއި، ކަރަންޓް ލިބުމުގައި ދަތިތަކެއް އެގައުމަށް ދިމާވެފައިވާކަމަށް ޔޫ.އެންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ޖޫން މަހުގައި ޔޫ.އެން އިން ބުނެފައިވަނީ ސްރީލަންކާގެ 22 މިލިއަން މީހުންގެ ތެރެއިން 1.7 މިލިއަން މީހުންނަށް އެހީ ބޭނުންވާކަމަށެވެ.
ނަމަވެސް މިހާތަނަށް އައިއިރު، އެހީއަށް ބޭނުންވާ 2.1 މިލިއަން މީހުން އެބަ ތިބިކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އެހީ ފޯރުކޯށްދެމުން އަންނަ މީހުންގެ ތެރޭގައި 1.5 މިލިއަން ދަނޑުވެރިންނާއި މަސްވެރި އާއިލާތަކުގެ އިތުރުން، މާބަނޑު މީހުންނާއި، ސްކޫލް ކުދިން އިތުރުވަމުން އަންނަކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ސްރީލަންކާއަށް 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން މިނިވަން ވީ ފަހުން މިފަދަ ގޮތަކަށް ހާލުގައި ޖެހުނު މީ ފުރަތަމަ ފަހަރެވެ.