ޕާކިސްތާނުގެ ނޫސްވެރިޔާ ގަޔަށް ބަޑިޖަހައި މަރާލާފައިވަނީ ކެންޔާ ފުލުހުން ސީދާ ޓާގެޓްކޮށްގެންކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ އިންޓިރިޔާ މިނިސްޓާ ރަނާ ސަނާއުއްލާ ވިދާޅުވެފައިވާ ގޮތުގައި، ކެންޔާ ސިފައިން ޕާކިސްތާނުގެ ނޫސްވެރިޔާ އަރްޝަދު ޝަރީފް ގަޔަށް ބަޑިޖަހާފައިވަނީ އޭނާކަން އިނގި ހުރެ ސީދާ އޭނާ މެރުމަށް ޓަގެޓް ކޮށްގެންކަމަށެވެ.
ކެންޔާގެ ވެރިރަށް ނައިރޯބީގެ ބަޑި ޖަހައި ޝަރީފް މަރާލާފައިވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.
ކެންޔާ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނައިރޯބީގެ މަގާޑީ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައިވާ އައި ވެހިކަލެއް ފުލުހުންގެ އެންގުމާއި އެކުވެސް ބާރު ސްޕީޑުގައި އިތުރަށް ދުއްވި ކަމަށް ބުނެފައިވެއެވެ. ވެހިކަލް މަޑު ނުކުރުމުން، ފުލުހުން ބަޑި ޖެހިކަމަށް ކެންޔާ ފުލުހުން ރިޕޯޓްކޮށްފައިވެއެވެ. މިހާދިސާގައި ޝަރީފްއާއި އެކު ވެހިކަލްގައި އިން ޑްރައިވަރު ކުއްރަމް އަހްމަދުވެސް ވަނީ މަރުވެފައެވެ.
އަދި މިއީ ގަސްތުގައި ބަޑި ޖަހައި ޝަރީފް މަރާލުމަށް ކެންޔާ ފުލުހުން ކޮށްފައިވާ ކަމެއް ނޫންކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. އަދި މިމައްސަލަ އިތިރަށް ތަހުގީގު ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.
ނަމަވެސް ޕާކިސްތާނުން ބުނަމުން އަންނަނީ ޝަރީފް މަރާލާފައިވަނީ ކެންޔާ ފުލުހުން ގަސްތުގައިކަމަށާއި އަދި މިކަން ޕާކިސްތާނުން އިތުރަށް ތަހުގީގުކުރާނެކަމަށް ވިދާޅިވިއެވެ. ޝަރީފްގެ މަރާއި ބެހޭ ތަހުގީގުތައް ކުރުމަށް ޕާކިސްތާނުގެ ދެ އޮފިޝަލަކު ކެންޔާއަށް ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
ޝަރީފް އަކީ ޕާކިސްތާނުގެ މިލިޓަރީއާއި ގާތްކޮށް މަސައްކަތް ކުރަމުން އަންނަ ޕާޚިސްތާނުގެ އޭ.އާރް.ވައި ޗެނަލްގެ ނޫސްވެރިއެކެވެ. ނަމަވެސް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމާއި ގުޅިގެން ޝަރީފްއާއި މިލިޓަރީއާއި އޮންނަ ގުޅުން ހީނަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ކެންޔާއަށް ފުރުމުގެ ކުރިން އިމްރާން ޚާންގެ އަރިސްބަޔަކާއި އެކު ޝަރީފް އިންޓަވިއުއެއްކޮށްފައިވާކަމަށްވެސް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
ޝަރީފްގެ ހަށިގަނޑު ޕާކިސްތާނަށް ގެނެސް އޮކްޓޯބަރު 27 ވަނަ ދުވަހު ވަނީ ވަޅުލާފައެވެ. ޝަރީފްގެ ޖަނާޒާގައި އެތައްހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.