ބޮލީވުޑްގެ ބަތަލް ވަރުން ދަވަން އަށް ޖެހިފައިވާ ބަލި ރަނގަޅު ވަމުން އަންނަ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ވަރުންގެ ކުރިއަށް އޮތް ފިލްމު ”ބޭދިޔާ“ ގެ ޕްރޮމޯޝަން އިވެންޓުގައި ވާހަކަ ދައްކަމުން އޭނާ ވަނީ އޭނާއަށް ވެސްޓިބިއުލާ ހައިޕޮފަންކްޝަނަށް ޑައިގްނޯޒްވެފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ. މިއީ ކަންފަތުގެ އެތެރެ ބަޔަށް ދިމާވާ މައްސަލައަކާ ގުޅިގެން މީހާގެ ބެލެންސް ގެއްލެން ދިމާވާ ކަމެކެވެ.
އެވާހަކައަށް ފަހު މިއަދު އޭނާގެ އިންސްޓަރގްރާމް އެކައުންޓު މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި ވަރުންގެ ހާލު މިހާރު އަންނަނީ ކަސްރަތު ކުރަމުންދާތީ ރަނގަޅުވަމުން ކަމަށާއި އިރުގެ އަލިން އޭނާގެ ބައްޔަށް ޝިފާއެއް ލިބެމުންދާކަމަށެވެ.
ވަރުންގެ ”ބޭދިޔާ“ އަށް ފަހުގައި އޭނާ ދެން ފެނިގެންދާނީ އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ”ބަވާލް“ އިންނެވެ. ވަރުން އާއިއެކު މި ފިލްމުން ދެން ފެންނާނީ ޖާންވީ ކަޕޫރެވެ.